އެދުރެއް، ކުޅުންތެރިއެއް، މަސައްކަތްތެރި ޒުވާނެއް..

އެއީ ރަށުގައި ހިންގާ ވަރަށް ގިނަ ހަރަކާތްތަކެއްގައި ފެންނަ ޒުވާނެކެވެ. ޙާއްސަކޮށް ފުޓްބޯޅަ މެޗަކަށް ރަށުން ޓީމެއް ނަގާނަމަ، އެ ކުޅުންތެރިޔާ ރަށުގައި ހުރެ، އެޓީމަކުން ނުފެނުމަކީ ނާދިރުކަމެކެވެ. އަދި މިއަދުގެ ގިނަ ޒުވާން ކުދިންގެ ނަމޫނާ ކުޅުންތެރިއެއްގެ ގޮތުގައި ދެކެމުންދާ ކުޅުންތެރިއެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރަށު މީހުން މިތުރެކެވެ. ކިޔަވައިދެއްވި އެދުރެކެވެ. މިދެކެވެނީ ހދ.ނެއްލައިދޫ ފޭރުމާގޭ އިބުރާހިމް މުހައްމަދާއި ރުޤިއްޔާ އިބުރާހިމަށް ލިބުނު ހަތްކުދިންގެ ތެރެއިން މުހައްމަދު ޒަޢީމް(ޒައިއްޓޭ/ޒައީމްބެ)ގެ ވާހަކަ އެވެ.
މިޒާޖުގައި އަބަދުވެސް މަޑުމައިތިރި ވާހަކަ ދެއްކުމުގައި ބަސް މަދު ޒަޢީމު ދުނިޔޭގެ އަލިކަން ދެކެފައިވަނީ 04 އޭޕްރީލް 1982 ވަނަ އަހަރުއެވެ. ޑިސްކް މަސްހުންޏަކީ އެންމެ ކަމުދާ ކެއުން ކަމަށް ބުނާ ޒައީމު، އެންމެ ދާހިތްވަނީ އޮސްޓްރޭލިޔާގެ އޮބަގުގުލަށެވެ.
ޕުރައިމަރީ ތައުލީމް ނެއްލައިދޫ މަދަރުސާއިންނާއި ހދ.އަތޮޅު ތައުލީމީ މަރުކަޒުން ހާސިލުކުރުމަށްފަހު، ސާނަވީ ތައުލީމް ހާސިލުކޮށްފައިވަނީ ނޮދަން ސެކަންޑަރީ ސުކޫލުންނެވެ. އެއަށްފަހު، މޯލްޑިވްސް ނެސަނަލް ޔުނިވާރސިޓީއިން ބީޓެކް ނެސަނަލް ޑިޕްލޮމާ އިން ހޮޓެލް ކޭޓަރިން އެންޑް އިންސޮޓިތުސަނަލް އޮޕަރޭސަންސް ހެދިއެވެ. އަދި މިއަހަރުވަނީ މެލޭސިޔާގެ ޓޭލާސް ޔުނިވާރސިޓީއިން ބެޗްލާސް ޑީގްރީގެ ދެވަނަ އަހަރު ފުރިހަމަކޮށްފައެވެ.
ސާނަވީ ތައުލީމް ނިންމުމަށްފަހު، އަމަލީ މައިދާނާ ކުރިމަތިލިއެވެ. އަބަދުވެސް ވަރުގަދަ އަޒުމެއް ގެންގުޅޭ ޒައީމު އެންމެ ފުރަތަމަ އަދާކުރި ވަޒީފާއަކީ 2000 ވަނަ އަހަރު ކުރަމަތި އައިލެންޑް ރިސޯޓްގެ ވެއިޓަރެއްގެ ވަޒީފާއެވެ. ޖެހިގެން އައި ދެއަހަރު މަސައްކަތްކުރީ ނެއްލައިދޫ ސުކޫލުގެ ވަގުތީ ޓީޗަރެއްގެ ވަޒީފާއެވެ. އަދި 2002 ވަނަ އަހަރު ކޮންސްޓްރަކްސަން މަސައްކަތުގައި އުޅުމަށްފަހު، ޖެހިގެން އައި އަހަރު އަނެއްކާވެސް، ރިސޯޓް ވަޒީފާއަކަށް ބަދަލުވިއެވެ. ފެސްދޫ އައިލެންޑް ރިސޯޓްގެ ވެއިޓަރެއްގެ ވަޒީފާ 2003 ވަނަ އަހަރު އަދާކުރުމަށްފަހު، ޖެހިގެން އައި އަހަރު ވަކަރުފަޅި އައިލެންޑް ރިސޯޓުގެ ރިސެޕްސަނިސްޓެއްގެ ވަޒީފާއަށް ބަދަލުވިއެވެ. މިއަދު ހުރި މަޤާމުގެ ފެށުން ކަމުގައި ޒައީމް ޤަބޫލުކުރަނީ އެވަޒީފާއެވެ. އަދި 2008 ވަނަ އަހަރު މީރު އައިލެންޑް ރިސޯޓުގެ ފުރޮންޓް އޮފީސް ސްޕަވައިޒަރެއްގެ މަޤާމް ލިބުނެވެ. ޖެހިގެން އައި އަހަރު، ގަސްފިނޮޅު އައިލެންޑް ރިސޯޓު މީރު އައިލެންޑް ރިސޯޓް ހިންގަމުން އައި ގުރޫޕުން ނެގުމާއި ގުޅިގެން މަސައްކަތް ފެށުމަށް އެރަށަށް ބަދަލުވިއެވެ. އަދި ފުރޮންޓް އޮފީސް ސްޕަވައިޒަރުކަން ކުރަމުން ރިޒަވޭސަން ސްޕަވައިޒަރު ކަމުގެ ބުރަ ޒިންމާއާއި ހަވާލުވިއެވެ.އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިޒަވޭސަން ޑިޕާރޓްމެންޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމު ލިބުނެވެ. އަދި އިތުރަށް ތަރައްޤީ ކުރުމަށް ގަސްފިނޮޅު އައިލެންޑް ރިސޯޓް ބަންދު ކުރެވުމުން، މިހާރު ޒައީމު މަސައްކަތް ކުރަމުން ގެންދަނީ، މީރު އައިލެންޑް ރިސޯޓްގެ އެސިސްޓެންޓް އެގްޒްކިޓިވް ހައުސްކީޕަރެއްގެ ޒިންމާ ބޮޑު ވަޒީފާގައެވެ. ފޫހި ކަމެއްނެތިއެވެ. ވަޒީފާގެ މައިދާނުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ފުރޮންޓް އޮފީސް ރިސެޕްސަނިސްޓެއްގެ މަގާމުން މިހާރު ހުރި މަޤާމަށް އާދެވުން ކަމަށް ޒައީމް ފާހަގަކުރެއެވެ. ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާ އެންމެންގެ ވެސް އިހުތިރާމް ލިބިފައިވާ ޒައީމަކީ ހީވާގި ލީޑަރެކެވެ. ދަށަށް ތިބޭ މުއައްޒަފުންނަށް ކިޔައިދޭ އެދުރެކެވެ.
ގޭދޮށު ކުދިންނާއި ރަހްމަތްތެރިންނާއެކު ކުޑައިރު ފުޓްބޯޅަކުޅެ މަޖާނެގި ހަނދާންތައް އަބަދުމެ ހުންނަ ކަމަށް ބުނާ ޒައީމް ހާއްސަ ވެގެންދަނީވެސް ފުޓްބޯޅައިންނެވެ. އެންމެ ފުރަތަމަ ޖާރޒީއެއް ލައިގެން ކުޅުނު ދުވަހަކީ ޒައީމްގެ ހިތުގައި މިއަދުވެސް އާވެ އާވެ ހުރި ހަނދާނެކެވެ. އެއީ ނަވާރަ ސަތޭކަ ނުވަދިހައިގެ ކުރީކޮޅުގެ އަހަރު ތަކުގެ ތެރެއިން އަހަރެއްގައެވެ. ނެއްލައިދޫ ސުކޫލުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގައި ރަތްބަޔާއި ފެހިބައި ވާދަކުރި މެޗެއްގައެވެ. އަދި އެކުގައި އުޅުނު ކުދިންކޮޅެއްވެގެން ފުޓްބޯޅައެއް ގަންނަން ލާރި ހޯދަން މަސައްކަތް ކުރި ހަނދާނަކީވެސް ފުހެވިގެން ނުދާނެ ހަނދާނެއް ކަމަށް ޒައީމް ބުނެއެވެ.
ކުޑައިރު ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅެ ، ބޮޑެތި މީހުން ކުޅޭއިރު ބޯޅަ ހޮވަން ގޮސް އުޅުމުގެ ތެރޭގައި ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިކަން އުފެދުނު ޒައީމު އެންމެ ފުރަތަމަ ފެނިގެން ދިޔައީ ނެއްލައިދޫ ސުކޫލުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުންނެވެ. ޒައީމްގެ ހުރި ހުނަރު ފެނިގެންދިޔައީ އެހިސާބުންނެވެ. އަބަދުވެސް އިތުބާރާއެކު ކުޅޭ ޒައީމް 1993 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވަނީ ތަފާތު މުބާރާތްތަކުގައި ވާދަކޮށްފައެވެ. އެގޮތުން ނެއްލައިދޫ މަދަރުސާ، ހދ.އަތޮޅު ތައުލީމީ މަރުކަޒާއި ނޮދަން ސެކަންޑަރީ ސުކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު އިންޓަރހައުސް ފުޓުބޯޅަ މުބާރާތްތަކުގައި ވާދަކުރިއެވެ. އަދި ހދ.ކުޅުދުއްފުށީ މަގުލަސް ކުލަބުން އިންތިޒާމްކުރި ސިކްސަސައިޑް މުބާރާތާއި، ހދ. އަތޮޅު މުބާރާތާއި ޒޯން މުބާރާތާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭސަނުން އިންތިޒާމްކުރި އިންޓަރ ފެކަލްޓީ މުބާރާތާއި، އިންޓަރ ރިސޯޓް މުބާރާތާއި، މީރު އައިލެންޑް ރިސޯޓުގެ އިންޓަރ ޑިޕާރޓްމަންޓް ފުޓްބޯޅަ މުބާރާތްތަކުގައި ވާދަކޮށް ރަން ވަނަ ތަކެއް ވަނީ ހާސިލް ކޮށްފައެވެ. މިގޮތުން ފުޓްބޯޅައިގައި ލިބުނު ކާމިޔާބީ ތަކުގެ ތެރޭގައި:
# އިންޓަހައުސް ޗެމްޕިޔަން – ނެއްލައިދޫ މަދަރުސާ 1993
# އެން އީ ޑީ ފުޓްބޯޅަމުބާރާތުގެ ޗެމްޕިޔަން – 1994
# އިންޓަހައުސް ޗެމްޕިޔަން – ހދ އަތޮޅު ތައުލީމީ މަރުކަޒު 1996، 1997
#އެންމެ އުއްމީދީ ކުޅުންތެރިޔާ- އިންޓަހައުސް- ހދ އަތޮޅު ތައުލީމީ މަރުކަޒު 1997
#އިންޓަހައުސް ޗެމްޕިޔަން – ނޮދަން ސެކަންޑަރީ ސްކޫލް 1999
# ފެއަރ ޕްލޭ ޕްލޭޔަރ- މަގުލަސް ސިކްސް އަ ސައިޑް ކަޕް 2002
# ޗެމްޕިޔަން – މަގުލަސް ސިކްސް އަ ސައިޑް ކަޕް 2002
# ހދ އަތޮޅުމުބާރާތުގެ ޗެމްޕިޔަންކަން- 2001، 2002
# އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާ – ހދ އަތޮޅުމުބާރާތް 2001
# އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާ – ޒޯން މުބާރާތް
# އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާ – ހދ އަތޮޅުމުބާރާތް 2002
# ރަނަރ އަޕް – ހދ އަތުޅުމުބާރާތް 2003
# ރަނަރ އަޕް – ޒޯން މުބާރާތް 2001،2002
# ޗެމްޕިޔަން – އިންޓަ ފެކަލްޓީ މުބާރާތް 2007 – އެފް އެހް ޓީ އެސް
# އެންމެމޮޅު މިޑްފީލްޑަރ – އިންޓަ ފެކަލްޓީ މުބާރާތް 2007
# އެންމެމޮޅު ކުޅުންތެރިޔާ-އިންޓަރ ރިސޯޓް މުބާރާތް 2004(އަރިއަތޮޅު)
# ފެއާރ ޕްލޭ ކުޅުންތެރިޔާ – މީރު އިންޓަ ޑިޕާޓްމެންޓް މުބާރާތް 2008 ހިމެނެއެވެ.
މިހާ ގިނަ މުބާރާތްތަކުގައި ވާދަކޮށް ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާއިރުވެސް، ޒައީމަށް ދައްކާފައިވަނީ އެންމެ ދެ ރީނދޫ ކާޑެވެ. މިހާތަނަށް އެންމެ ރަތް ކާޑެއްވެސް ލިބިފައެއްނެތެވެ. އެހެންކަމުން ޒައީމްދަނީ އަމިއްލަ ދިރިއުޅުމުގައި ހުންނަ ރިވެތި އަހުލާޤް ދަނޑުމަތީގައިވެސް ދައްކަމުންނެވެ. އަރަމުންއަންނަ ކުޅުންތެރިންނަށް ނަމޫނާ ދައްކަމުންނެވެ.
ކުޅިވަރުގެ ހަޔާތުގައި އެންމެ ހަނދާނުން ފުހެލަން ދަތި ކަންތައްތަކީ ކޮބައިތޯ ސުވާލު ކުރުމުން އޭގެ ދެތިން ހާދިސާއެއް ފާހަގަކޮށްލިއެވެ. އެގޮތުން، ހދ.ނެއްލައިދޫއަށް ފުރަތަމަ ފަހަރަށް ހދ.އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 2001 ވަނަ އަހަރު ލބުނުދުވަހާއި، ޒޯން 1 ން ހޮވާލެވުނު ޓީމުގައި ހިމެނިގެން ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ވާދަކޮށް 1999 ވަނަ އަހަރު 1-0 ން މޮޅުވި މެޗު ހަނދާނުން ފުހެވިގެން ނުދާކަމަށް ބުންޏެވެ. އެމެޗްގައި ވަރުބަލިކަމެއްނެތި މެޗް ނިމެންދެން ކުޅެ ގައުމީ ޓީމް ބަލިކޮށްލެވުމުން ވަރަށް އުފާވިކަމަށްވެސް ބުންޏެވެ.

ޒައީމަކީ އެންމެންނާއިވެސް ގުޅޭ، ރަޚްމަތްތެރިއެކެވެ. އެހެންމީހުންގެ އިރުޝާދު ޤަބޫލުކުރާ ފަރާތެކެވެ. އަދި އެހެން މީހުންނަށްވެސް އިރުޝާދު ދޭ ފަރާތެކެވެ. ކުޅިވަރާއި ތައުލީމީ ހަޔާތުގައި ކާމިޔާބު މީހަކަށް ވުމުގެ އިތުރަށް ޒައީމަކީ އަމިއްލަ ދިރިއުޅުމުގައިވެސް ކާމިޔާބު މީހެކެވެ. ޒައީމް ޒަވާޖީ ގޮތުން ގުޅިފައިވަނީ މިރަށު ޒަމާނީއުފާ ފާތިމަތު މިޒުހަތާއެވެ. އަދި 6 އަހަރުވީ އެގުޅުމަށް 3 އަހަރުގެ ލޯބި ލޯބި އަނާ ލިބުނު ދުވަހަކީ ޒައީމް ހަނދާނުން ފުހެލަން އެންމެ ދަތި ދުވަސް ކަމަށް ޒައީމް ބުންޏެވެ.
ނަލަނަލަ ނެއްލައިދޫގެ ފަރާތުން ޒައީމްއާ ކުޅިވަރުގެ ދާއިރާއިން ބޭރު ބައެއް ކުދި ކުދި ސުވާލުތަކެއްވެސް ކޮށްލީމެވެ.
1. ކާމިޔާބީގެ އަސްލަކީ ކޮބާ؟
ޖަވާބު: ކާމިޔާބުގެ އަސްލަކީ ގަދައަޅާ މަސައްކަތް ކުރުން. ކޮންމެ ކަމެއްގަވެސް އެކަމެއް ކާމިޔާބުކުރަން އަޒުމް ކަނޑައަޅައިގެން އެކަމެއްކުރުން. އަބަދުވެސް ވިނިންގ ސްޕިރިޓް އޮވެގެން ކޮންމެކަމެއްވެސް ކުރަނީ.•
2. ކުޅިވަރުގެ ރޮނގުންނާއި، ވަޒީފާގެ މާހައުލުން ރަށުގެ ޒުވާނުންނަށް ދޭން އޮތް މެސެޖަކީ ކޮބާ؟
ޖަވާބު: ކޮންމެކުއްޖަކުވެސް އެކުއްޖެއްގެ އަމާޒަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތްކުރާށޭ. ނުވާނޭ ނުބުނެ އަބަދުވެސް އެކަމެއްވާނެކަމަށް ބަލައިގެން ކުރާށޭ. އިގިރޭސި ހަރުބަހެއްގަ އޮންނަ ގޮތަށް، “އިފް ދެއާ އިޒް ވިލް- ދެއާ އިޒް ވިން”3. ރަނގަޅު ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ރީތި އަހުލާގަކީ ކިހާ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް؟
ޖަވާބު: އަހްލާގަކި ވަރަށް މުހިންމު އެއްޗެއް. އެހެންމީހުން ތިމާޔާމެދުދެކޭގޮތް ގިނަފަހަރަށް ބިނާވަނީ ތިމާގެ އަހްލާގާ.

4.  ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމުގެ އަސްލަކީ ކޮބާ؟
ޖަވާބު: އަބަދުވެސް ކޮންމެކަމެއްވެސް އަމިއްލަކަމެއް ކަމަށް ދެކިގެން ގަދައަޅާ މަސައްކަތްކުރުން. ދެން އެހެންމީހުންނަށް އިހްތިރާމް ކުރުން.

5.  މިހާރު ތިހުރި މަގާމަށް ދިޔުމުގެ ސަބަބެއްކަމަށް ގަބޫލުކުރާ ސަބަބުތަކަކީ ކޮބާ؟
ޖަވާބު: ގުރުބާނިތަކެއްވެސް ވެގެން ދޯ ކާމިޔާބީއަކާ ހަމަޔަށް ދެވޭނީ. ތިމާހިތްހަމަނުޖެހޭ ކަންތައްތަކާވެސް ދިމާވާނެ، އެކަންތައް ތައް އެއްކައިރިކޮއްފަ ފަރުވާތެރިކަމާއި އެކު ވަޒީފާ އަދާކުރުން މުހިންމީ. ދެން ވަގުތަށް ކަމޭހިތުން ވަރަށް މުހިންމު.

6.  އަމިއްލަ ދިރިއުޅުމާމެދު ހިތްހަމަ ޖެހޭތަ؟
ޖަވާބު: ހިތްހަމަޖެހޭ

7.  ޒަވާޖީ ހަޔާތަށް ވީ ކިތަށް އަހަރު؟
ޖަވާބު:  6 އަހަރު

8. ދިރިއުޅުމުގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާ؟
ޖަވާބު: ދަރިން ބޮޑެތިވެ އެކުދިންނަށް ރަނގަޅުދިރިއުޅުމެއް ލިބުން.

9.  ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ކޮބާ؟
ޖަވާބު: ދިރިއުޅުން ކާމިޔާބުކުރުން ދެން ވަޒީފާގައި ކުރިއެރުން.

10.  އެންމެ ގާތް ރަޚްމަތްތެރިޔަކީ ކާކު؟
ޖަވާބު: ވަކި ހާއްސަ މީހަކު ނެތް. މމިހާރު އެންމެގާތީ ވައިފް. ޢަސްލު ވަރަށް ކެއާރ ކުރަން ފްރެންޑުންނަށް އެކަމަކު މިހާރު ރަހްމަތްތެރިންނަކަށްވެސް އަހަރުމެންނަކަށް ވަގުތެއް ނުދެވޭ. އަދިވެސް ރަހްމަތްތެރިންނާ ގާތްގުޅުމެއް އޮވޭ.

11.  ނިންމާލަމުން ބުނެލަން ބޭނުންވަނީ؟
ޖަވާބު: ކިޔެވުމާއި ކުޅިވަރުގައި ލިބުނު ކާމިޔާބީއަށް ސުކުރު އަދާކުރަންބޭނުން ހާއްސަކޮށް ފެމިލީއަށް ދެން ކުޅިވަރުގަ އެއްކޮށް އުޅުނު ކުޅުންތެރިންނާއި ކޯޗުން އަދި ސަޕޯޓަރުން.
ޒައީމަކީ ހަމައެކަނި ފުޓްބޯޅަ ދަނޑުގައި ފާހަގަކޮށްލެވޭ މޫނެއް ނޫނެވެ. ރަށުގައި ކުރިޔަށްދާ ގިނަ ހަރަކާތްތަކެއްގައި އިސް ރޯލެއް އަދާކުރާ ފަރާތެކެވެ. ގިނަ ބައެއްގެ ރުހުމާއި ލޯބި ލިބިފައިވާ ފަރާތެކެވެ. ވަޒީފާގެ މައިދާނުގައިވެސް ކެރޭ ހީވާގި ފަރާތެކެވެ. ރަށުގެ ތަރައްޤީއަށް ބޭނުންވާ ފަދަ މުރާލި ފަހުލަވާނެކެވެ. ނެއްލައިދޫ ނަލަ ނަލަ ތަނަކަށް ހަދަން ބޭނުންވަނީ މިކަހަލަ ޒުވާނުންނެވެ. ނަލަ ނަލަ ނެއްލައިދޫގެ ފަރާތުން ޒައީމްބެއަށް އަދަށްވުރެ ފެހި މާދަމާއަކަށް އެދެމެވެ.

އިސްތިހާރު

3 thoughts on “

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s